ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، އެ ދާއިރާގެ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމް ހިންގާނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް މަޝްރޫޢުގެ ދަށުންނެވެ.
ޕްރޮގްރާމުގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، ރާއްޖޭގެ އެންމެ ފުންނާބު ކެޔޮޅުންގެ ފަރާތުން ހުނަރު ދަސްކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
ތަމްރީނު ހިންގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށެވެ. ތަމްރީނުގެ މުއްދަތުގައި ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމުގައި ބައިވެރިވެވޭނީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ، 18 އަހަރާއި 30 އަހަރާ ދެމެދުގެ، މިހާރު ވުޒާރާގެ މަސްވެރިންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކަށެވެ.
ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، 3 ޑިސެމްބަރ 2026 ގެ ކުރިން އީމެއިލް މެދުވެރިކޮށް ވުޒާރާއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނަކަށެވެ.






