ސަރުކާރުން ވުޖޫދުކުރި އައު އިންވެސްޓްމަންޓު ޤާނޫނާއެކު ރާއްޖޭގެ އިންވެސްޓްމަންޓު މާހައުލު ފަހިވެ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ރެކޯޑު އަދަދަކަށް ބޭރުގެ އިންވެސްޓްމަންޓު ރާއްޖެއަށް ގެނެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ސަރުކާރުގެ ކާމިޔާބީތަކަށް އަލިއަޅުވާލުމަށް ބޭއްވި ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަޢީދު ވިދާޅުވި ގޮތުގައި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާމެދު އަލުން ހޯދުމަށް ފުރަތަމަ ކުރެވުނު މަސައްކަތަކީ ސާޅީހަކަށް އަހަރުވީ، ޒަމާނަށް ނުފެތޭ ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ބަދަލުގައި މުޅިން އައު ޤާނޫނެއް އެކުލަވާލުމެވެ.
"ޕްރެޑިކްޓިބަލް، ޓްރާންސްޕޭރެންޓް، ސެކިއަރ ފޮރިން އިންވެސްޓްމެންޓު ގާނޫނެއް ނެތި ފޮރިން އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓުނުކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އަލަށް އެކުލަވާލި ޤާނޫނަކީ އިންވެސްޓަރުންނަށް އިތުބާރާއި ސަލާމަތާއެކު ދެފުށް ފެންނަ، ސާފު ޤާނޫނީ އޮނިގަނޑެއް ވުޖޫދުކޮށްދިން ޤާނޫނެއް ކަމަށާއި، އެ ޤާނޫނުގެ ސަބަބުން ރާއްޖެއަކީ އިންވެސްޓްކުރަން ފަހި ތަނަކަށް ބަދަލުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކާ އަޅާކިޔަވަމުން ސަޢީދު ފާހަގަކުރެއްވީ، 2008 އިން 2013 އަށް 212 ބޭރުގެ އިންވެސްޓްމަންޓު ގެނެވުނުއިރު، 2013 އިން 2018 އަށް 406 އިންވެސްޓްމަންޓު އަދި 2018 އިން 2023 އަށް 245 އިންވެސްޓްމަންޓު ގެނެވުނު ކަމެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި 313 ބޭރުގެ އިންވެސްޓްމަންޓު ގެނެވިފައިވާއިރު، މިއީ ކުރީގެ ސަރުކާރުތަކުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު ރެކޯޑު އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބޭރުގެ އިންވެސްޓްމަންޓުތަކާއެކު ރާއްޖެއަށް އައު ރައުސުލްމާލާއި އައު ޓެކްނޮލޮޖީ ތައާރަފުވާ ކަމަށާއި، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިތުބާރުކުރަނީ ސަރުކާރުގެ ސިޔާސަތުތަކުގެ އިސްތިގުރާރާއި، ދައުލަތުން ނަގާ ދަރަނި އަދާކުރާނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.






