Thursday, November 19
ރޮހިންޔާ ނަސްލު ނައްތާލުމުގެ މައްސަލައިގެ ހުކުމް އައިސީޖޭއިން މިއަދު އިއްވަނީ

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ނަސްލު ނައްތާލުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް، އދ. ގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިއްވާނެއެވެ.

މި ހުކުމް އިއްވުން އޮންނާނީ ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕީސް ޕެލެސްގައި، އެ ޤައުމުގެ ގަޑިން ހެނދުނު 10:00 (ރާއްޖޭ ގަޑިން މެންދުރުފަހު 2:00) ގައެވެ. އަދި މި ހުކުމް އިއްވުމުގެ އަޑުއެހުމަށް ގާތްގަނޑަކަށް 90 މިނެޓު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

އައިސީޖޭގެ މި ނިންމުމަކީ އިސްތިއުނާފު ނުކުރެވޭނެ އެންމެ ފަހުގެ ހުކުމެވެ. ނަމަވެސް އެ ކޯޓަށް ހުކުމް ތަންފީޒުކުރުމުގެ ބާރު ލިބިފައިވަނީ ހަނި ދާއިރާއެއްގައި ކަމަށްވާތީ، މިޔަންމާއިން މި ހުކުމަށް ޢަމަލުނުކޮށްފިނަމަ މި މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅިދާނެއެވެ.

މި މައްސަލަ ގެމްބިއާއިން ކޯޓަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ އެއްބާރުލުމާއެކުގައެވެ. މައްސަލައިގެ އަޑުއެހުންތައް މިއަހަރުގެ ޖެނުއަރީ މަހުގެ 12 އިން 29 އަށް ކުރިއަށް ގެންގޮސްފައިވާއިރު، ދިވެހިރާއްޖެ ހިމެނޭހެން 11 ޤައުމަކުން ވަނީ މި މައްސަލައިގައި ތަދައްޚުލުވެފައެވެ.

މި މައްސަލަ އުފެދުނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު، ރޮހިންޔާ ހަތިޔާރު އުފުލާ ޖަމާޢަތަކުން މިޔަންމާގެ ފުލުހުންގެ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން، މިޔަންމާގެ ސިފައިން ރަކީން ސްޓޭޓްގައި ހިންގި އޮޕަރޭޝަންތަކުގެ ސަބަބުންނެވެ. އެ އޮޕަރޭޝަންތަކުގައި މީހުން މަރައި، އަންހެނުން ރޭޕްކޮށް، މުޅި އަވަށްތައް އަންދާލުމުން 700،000 އަށްވުރެ ގިނަ ރޮހިންޔާ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ނަމަވެސް މިޔަންމާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. އެ ޤައުމުން ބުނަނީ އެއީ ހަތިޔާރު އުފުލާ ޖަމާޢަތްތަކުން ދިން ހަމަލާތަކަށް ދިން ޤާނޫނީ ރައްދެއް ކަމަށެވެ.

މި މައްސަލައިގައި މިޔަންމާއާ ދެކޮޅަށް ހުކުމް ކޮށްފިނަމަ، ދައުލަތަކުން ނަސްލު ނައްތާލުމުގެ ޖަރީމާއެއް ހިންގިކަން ބައިނަލްއަޤްވާމީ ކޯޓަކުން ކަނޑައަޅާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. އައިސީޖޭއަކީ ދައުލަތްތަކުގެ މެދުގައި ޖެހޭ މައްސަލަތައް ނިންމާ ކޯޓަކަށް ވާތީ، ވަކިވަކި ފަރުދުންގެ މައްޗަށް އެ ކޯޓުން ޝަރީޢަތް ނުހިންގާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު