އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ޗައިނާގެ ޝެންޒެންގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިންއާއެކު ބޭއްވެވި ތިންފަރާތުގެ ބައްދަލުވުމުގެ ކުރިން ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަން ހޯއްދަވާނެތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން، އެމެރިކާއަށް އެއްވެސް އެހީއެއް ބޭނުންނުވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން، އަދި ވައިގެ ދިފާއީ ނިޒާމުތައް ބަލިކޮށްލާފައެވެ. އަދި އީރާނުގެ މިސައިލް ބާރު މިހާރު އޮތީ ކުރިން އޮތް މިންވަރުގެ ގާތްގަނޑަކަށް 12 ނުވަތަ 13 އިންސައްތައިގައި ކަމަށާއި، އީރާނުން މިހާރު އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.






