Thursday, November 19
ކަސްޓަމްސް އޮފިސަރުންނަށް ސައިޓީސްގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ސައިޓީސް މުއާހަދާއާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ވުޒާރާއިން ބުނީ، މި ޕްރޮގްރާމު ބޭއްވީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

މި ތަމްރީނަކީ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" (ސައިޓީސް) މުއާހަދާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ސެޝަނެކެވެ.

ތަމްރީނުގައި ސައިޓީސްގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ އޮނިގަނޑާއި ހުއްދަ ދޫކުރުމުގެ މިންގަނޑުތަކާއި، ސައިޓީސްގައި ހިމެނޭ ދިރޭތަކެތީގެ ބާވަތްތައް ދެނެގަންނާނެ ގޮތްތައް އޮޅުންފިލުވައިދީފައިވެއެވެ.

އަދި ޤާނޫނީ ހަމަތަކުގެ މަތިން ވިޔަފާރިކުރުން ކަށަވަރުކުރުމާއި ވަގަށް އެތެރެކުރާ ދިރޭތަކެތި ހުއްޓުވުމުގައި ކަސްޓަމްސް އޮފިސަރުންގެ ދައުރާއި، އޮޅުވާލައިގެން ހަދާފައިވާ ވަގު ހުއްދަތައް ދެނެގަންނާނެ ގޮތްތަކާ ބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ.

ޢަމަލީ ތަމްރީނުތަކާއި ކޭސް ސްޓަޑީތައް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުން، ލިޔެކިޔުންތައް ޗެކްކުރުމާއި ހުއްދަތަކުގެ ސައްޙަކަން ކަށަވަރުކުރުމުގެ އިތުރުން، ޤަވާޢިދާ ޚިލާފަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ދިރޭތަކެއްޗާމެދު ޢަމަލުކުރާނެ އިޖުރާއަތްތަކާ ގުޅޭ ޢަމަލީ ތަޖުރިބާ ބައިވެރިންނަށް ލިބިފައިވެއެވެ.

ވުޒާރާއިން ވަނީ، ރާއްޖޭގައި ސައިޓީސް މުއާހަދާ ފުރިހަމައަށް ތަންފީޛުކުރުމަށާއި ޤާނޫނާ ޚިލާފަށް ދިރޭތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށާއި، ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތި ޙިމާޔަތްކުރުމަށްޓަކައި ކަސްޓަމްސް އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު