ކޮޕް31 ސަމިޓުގެ ހަވާސާގައި ދިވެހިރާއްޖެއާއި އިޓަލީވިލާތުގެ ތިމާވެއްޓާ ބެހޭ ވުޒާރާތަކުގެ ދެމެދުގައި ރަސްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ބައްދަލުވުން ބޭއްވީ ރާއްޖޭގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އިޓަލީވިލާތުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ސެކިއުރިޓީއާ ދެމެދުގައެވެ.
ބައްދަލުވުމުގައި ދެ ޤައުމުގެ ވުޒާރާތަކުގެ އިސް އޮފިޝަލުން ވަނީ، މީގެކުރިން ދެމެދުގައި ސޮއިކުރެވިފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ ކުރިއެރުންތައް ފުޅާ ދާއިރާއެއްގައި މުރާޖަޢާކުރައްވާފައެވެ.
އަދި މިހާރު ހިނގަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް ދެފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ކުރިމަގުގައި ހިންގިދާނެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގުރާމްތަކާ ގުޅޭގޮތުން ވެސް ދެފަރާތުން މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ދެ ޤައުމުގެ ގުޅުން ތިމާވެށީގެ ދާއިރާއިން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.






