ދިވެހި ސަރުކާރާއި ފަރަންސޭސިވިލާތު ސަރުކާރާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމާ ގުޅޭ "ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ޚާރިޖީ ވުޒާރާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. ފަރަންސޭސިވިލާތު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެމީ ލެމްބާރޓް އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން މި އެއްބަސްވުމުން ރަމްޒުކޮށްދޭ ކަމަށް ވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިރުތިޝާމް ވަނީ ރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގައި ދެ ޤައުމުން ދެކޭ ގޮތް އެއްގޮތްކަން ފާހަގަކުރައްވާފައެވެ.
ފަލަސްޠީނާ ބެހޭ ކަންކަމުގައި ފަރަންސޭސިވިލާތުން ކުރާ މަސައްކަތް ބަލައިގަންނަކަން ވެސް ވަޒީރު އިރުތިޝާމް ފާހަގަކުރެއްވިއެވެ.






