Thursday, November 19
ބީއެމްއެލްއިން ހުޅުމާލޭގައި އަޅާ 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 1 ގައި އަޅަމުންދާ 182 ފްލެޓުގެ ފައުންޑޭޝަނުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި ފްލެޓްތައް ތަރައްޤީކުރަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގއިން އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ އޮނިގަނޑުގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

ބީއެމްއެލްއިން ބުނީ، މި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ނިސްބަތުން ކުޑަ ކުއްޔެއް ދައްކަމުން ގޮސް، ފަހުން މިލްކުވާ ގޮތަށެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި މިއީ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަސައްކަތް ފަށައި، ފުރިހަމަކޮށް ވެރިފަރާތްތަކާ ހަވާލުކުރެވޭނެ ފުރަތަމަ ހައުސިންގ މަޝްރޫޢަށް ވެގެންދާނެއެވެ.

ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ އިތުރުން ވިލިމާލޭގައިވެސް ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު