Wednesday, November 18
ރިއަލް އެސްޓޭޓް ބިލު 42 މެންބަރުންގެ ތާއީދާއެކު މަޖިލީހަށް ބަލައިގެންފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބިލު ބަލައިގަތުމަށް 42 މެންބަރުން ވޯޓުދީފައިވާއިރު، ބަލައިނުގަތުމަށް 13 މެންބަރުން ވަނީ ވޯޓުދީފައެވެ. މި ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ.

މި ބިލު ހުށަހަޅާފައިވަނީ، ރަސްމާލޭގައި ޒަމާނީ ވޯޓާފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތަކެއް ތަރައްޤީކޮށް ހިންގުމަށް، އެކުވެރި ޢަރަބި އިމާރާތުގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ބިލުގައިވާ ގޮތުން، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާނީ، މަދުވެގެން 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ، ފާސްކުރެވިފައިވާ މާސްޓާ ޕްލޭނަކާ އެއްގޮތަށް ތަރައްޤީކުރާ މަޝްރޫޢުތަކެވެ.

ޒޯނުގެ ޖުމްލަ ޕްރޮޕަޓީތަކުގެ 25 އިންސައްތައަށް ވުރެ ގިނައިން ވަކި އެއް ޤައުމެއްގެ ރައްޔިތުންނަށް ނުވަތަ އެ ޤައުމެއްގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް މިލްކު ނުކުރެވޭނެ ގޮތަށް ވެސް ބިލުގައި ވަނީ ހިފަހައްޓާފައެވެ.

މީގެ އިތުރުން، ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ވެސް ރާއްޖޭގެ ޤާނޫނު ހިނގާނެ ކަމަށާއި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށް ބިލުގައި ވެއެވެ.

ޖުވާކުޅުމާއި ރާއްޖޭގެ ޤާނޫނާއި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ކަމެއް އެ ސަރަހައްދުތަކުގައި ނުކުރެވޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ. ޒޯނުގެ ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރުމަސް ވެސް މަނާވާނެއެވެ.

ޒޯނަށް ބޭނުންވާ މަގުތަކާއި ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ޤާއިމުކޮށް ބެލެހެއްޓުމަކީ މާސްޓާ ޑިވެލޮޕަރުގެ ޒިންމާއެއް ކަމަށްވާއިރު، ޒޯނުގައި ހިންގާ މަޝްރޫޢުތަކާއި ވިޔަފާރިތަކުގައި ވަކި ނިސްބަތަކަށް ދިވެހި މުވައްޒަފުން ގެންގުޅުން ވެސް ލާޒިމުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު