މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލު، ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
މިއަދު ބޭއްވި ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ، ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާޤުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ.
ބިލުގައިވާ ގޮތުން، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައި މައްސަލަ ބަލައި ނިންމުމާއި، އަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމާއި، ދަޢުވާ ލިބޭ މީހާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުން ހިމެނެއެވެ. އަދި މަރާލެވުނު މީހާގެ ވާރިޘުން އެއްބަސްވުން ވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ހިންގައި ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ކަމަށާއި، އަދަބު އަމަލީގޮތުން ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަމަށް ބިލުގައިވެއެވެ.
މި ބިލުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒުކުރާނީ ކުށްވެރިޔާ ދަންޖައްސައިގެންނެވެ. އަދި އާންމުކޮށް ފެންނާނެ ފަދަ ތަނެއްގައި އަދަބު ތަންފީޒުކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
މީގެ އިތުރުން، މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރެވިދާނެ ހާލަތްތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.






