Wednesday, November 18
އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމުގައި ކަނޑައަޅާ ބިލު މަޖިލީހަށް ބަލައިގެންފި

އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމުގައި ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް ލައްކަ ރުފިޔާއާ ހަމައަށް ނަގައިދެވޭ ގޮތަށް ހުށަހެޅި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލު ބަލައިގަތުމަށް މިއަދު ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ 44 މެންބަރުންނެވެ. ބިލު ބަލައިނުގަތުމަށް 4 މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ 7 މެންބަރަކު ތިއްބެވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ.

ބިލުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި ކޮންމެ މީހަކަށް ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ފަރުދުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު ހަމަހަމަކަމެއް ޤާއިމުކުރުމެވެ.

ބިލުގައިވާ ގޮތުން، އަބުރާ ބެހުމުގެ ސަބަބުން ލިބޭ މަޢުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ނަގައިދެވޭނެއެވެ.

އަދި ސޯޝަލް މީޑިއާ އާއި އޮންލައިން ނޫސްތައް ހިމެނޭ ގޮތަށް، އިންޓަނެޓް މެދުވެރިކޮށް ޝާއިޢުކުރާ އެއްޗެއްގައިވެސް މީހެއްގެ އަބުރާ ބެހޭ ފަދަ އެއްޗެއް ޝާއިޢުކޮށްގެން ނުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާ ގޮތުން، މިފަދަ ދައުވާއެއް ހުށަހަޅަންވާނީ އަބުރާ ބެހުމުގެ އަމަލު ހިނގާތާ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅާތާ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ޝަރީޢަތުން ގޮތެއް ނިންމަންވާނެއެވެ.

ނަމަވެސް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަބުރުގެ ދައުވާއެއް ނުކުރެވޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި އަދި ޝަރީޢަތުގައި ދައްކާ ވާހަކަތަކަށް ފުރިހަމަ އިމްތިޔާޒު ލިބިގެންވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު