Wednesday, November 18
ސިޓީ ކައުންސިލުގެ 14 ބިން ދައުލަތަށް ނެގުން މަޑުޖައްސާލަން ވަގުތީ އަމުރެއް ކޯޓުން ނުދިން

ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗު ހިމެނޭ ގޮތަށް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުމަށް ޢަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ހައުސިން މިނިސްޓްރީން މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ނެރުނު އިޢުލާނަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ އިޢުލާނުގައި ވަނީ މާލޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން އެންމެ މުހިންމު 14 ސަރަހައްދެއް ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށް ބުނެ ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށެވެ.

މައި ދައުވާގައި ކޯޓުން ގޮތެއް ނިންމަންދެން ސަރުކާރުގެ ނިންމުމަށް ޢަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ކައުންސިލުން އެދުނެވެ. ނަމަވެސް، މިއަދު ނެރުނު ނިންމުމުގައި ކޯޓުން ބުނީ ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ ރުކުންތައް މި މައްސަލައިގައި ފުރިހަމަވެފައި ނުވާ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނުގެ 56-2 ވަނަ މާއްދާގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާއެކު ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލުގެ އިޚްތިޞާޞުން ބިން ވަކިކުރުމުގެ ބާރު ޤާނޫނުން ސަރުކާރަށް ލިބިދީފައިވާއިރު، އިޖުރާއަތުތައް ފުރިހަމަވެފައިވޭތޯ ބެލުމަކީ މައުޟޫޢީ ދައުވާގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.

އަދި ވަގުތީ އަމުރެއް ނުނެރެފިނަމަ، މާލީ ގޮތުން ނުވަތަ އެހެން ގޮތަކުން ވިޔަސް އަނބުރާ އިޢާދަނުކުރެވޭނެ ފަދަ ދާއިމީ ގެއްލުމެއް ކައުންސިލަށް ލިބިދާނެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.

ސަރުކާރުން ބަޔާންކޮށްފައިވާ ޢާންމު މަޞްލަޙަތާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ހުރަސް އެޅިގެން ދިއުމާއި، ކައުންސިލުން ފާހަގަކުރާ ކަންކަމަށް ރިޢާޔަތްކުރާއިރު، މަޞްލަޙަތު ބުރަވަނީ ވަގުތީ އަމުރު ނުނެރުމުގެ ކޮޅަށް ކަމަށް ވެސް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މި މައްސަލައިގެ މައި ދައުވާ ކޯޓުގައި ކުރިއަށްދާނެ ކަމަށް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ދައުލަތަށް ނެގި 14 ބިމުގެ ތެރޭގައި ސަލްޓަން ޕާކާއި، އާޓިފިޝަލް ބީޗާއި، ރަސްފަންނާއި، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި، ކާނިވާ ސަރަހައްދު ފަދަ ތަންތަން ހިމެނެއެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެ ތަންތަން ނަގަނީ ތަރައްޤީކުރުމަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު