ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 98،000 އަށް ވުރެ އިތުރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ޕީއެންސީގައި މިވަގުތު 98،397 މެންބަރުން ތިއްބެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ސިޔާސީ ޕާޓީއެއްގައި މިހާ ގިނަ މެންބަރުން ހިމެނުނު ފުރަތަމަ ފަހަރެވެ.
މި އަހަރު ނިމުމުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު 100،000 އަށް އަރުވަން ޕީއެންސީން ވަނީ އަމާޒުހިފާފައެވެ.
ޕީއެންސީއަށް ފަހު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު މައި ޕާޓީ ކަމަށްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ. އެމްޑީޕީގެ ދަފްތަރުގައި މިވަގުތު 54،201 މެންބަރުން ތިއްބެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބުމަށް ހަމަވާންޖެހޭ 10،000 މެންބަރުންގެ އަދަދު ހަމަވާ ހަމައެކަނި ދެ ޕާޓީއަކީ ޕީއެންސީއާއި އެމްޑީޕީއެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭ ޤާނޫނީ އަދަދު ކަމުގައިވާ 3،000 މެންބަރުން ހަމަނުވާ ދެ ޕާޓީ ވެސް އެބައޮތެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ރިޔާސަތު ބަލަހައްޓަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.
ދަފްތަރުގައިވާ ގޮތުން ޕީއެންއެފްގައި 2،586 މެންބަރުން ތިބިއިރު، އެމްއެންޕީގައި ތިބީ 2،873 މެންބަރުންނެވެ.






