Wednesday, November 18
ޅ. ހިންނަވަރާއި ނައިފަރުގައި އައިޔޫއެމްގެ ކެމްޕަސް އިމާރާތްކުރަން ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަސްތައް ޅ. ހިންނަވަރާއި ޅ. ނައިފަރުގައި އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އައިޔޫއެމްއިން މަޢުލޫމާތު ދިން ގޮތުގައި، ދެ ކެމްޕަހުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ދެ ރަށުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.

ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއި ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާނާއި ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނަޒީހު ބައިވެރިވެވަޑައިގެންނެވިއެވެ. ނައިފަރުގައި ބޭއްވި ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ މެންބަރު ޔާސީން ޢަބްދުﷲ އާއި ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ، ހިންނަވަރުގެ ގިނަ ރައްޔިތުން މާލެއަށް ބަދަލުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުޞަތު ނެތުން ހިމެނޭ ކަމަށެވެ.

ރަށުގައި ޔުނިވަރސިޓީ ކެމްޕަހެއް ގާއިމުވުމުން، ސައެންޓިފިކް ވިސްނުންތެރި ސިކުނޑިތައް އެ ސަރަހައްދުގައި ތިބެގެން ޚިދުމަތްކުރުމަށް މަގުފަހިވާނެ ކަމަށާއި، މި މަޝްރޫޢަކީ ރަށުގެ ވަސީލަތްތައް ތަރައްޤީކުރުމާއި މުޖުތަމަޢުގެ ދެމެހެއްޓެނިވި ކުރިއެރުމާ ސީދާ ގުޅިފައިވާ މަޝްރޫޢެއް ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު