Wednesday, November 18
ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް ސީޕީ އެދިވަޑައިގެންފި

ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ މައްސަލަތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ގަވާއިދުން ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެދިވަޑައިގެންފިއެވެ.

ސީޕީ މިކަމަށް އެދިވަޑައިގެންނެވީ، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރުންނާއެކު މިއަދު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ބޭއްވީ ތަހުގީގު ދާއިރާގެ ގާބިލުކަން އިތުރުކުރުމާއި، މަސައްކަތުގެ ހަލުވިމިން ރަނގަޅުކުރުމާއި، ހިދުމަތް ހޯދާ ރައްޔިތުންނާއި އަނިޔާ ލިބޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ.

ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ، ތަހުގީގުގެ މިންގަނޑުތަކަށާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ލަސްވުންތައް ކުޑަކޮށް ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ތަހުގީގުކުރާ ބަހާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސީޕީ އިރުޝާދު ދެއްވިއެވެ.

ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ތަހުގީގުގައި ކުރިއަށްދާ މަރުހަލާތަކުގެ މަޢުލޫމާތު ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައިވެސް އަނިޔާ ލިބޭ ފަރާތްތަކާ މުއާމަލާތްކުރުމުގައި އޯގާތެރިކަމާއި، އިހުތިރާމާއި، ޕްރޮފެޝަނަލިޒަމް އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ޒަމާނީ ކުށްތަކަށް އަންނަ ބަދަލުތަކާއެކު ކޮމްޕްލެކްސް މައްސަލަތައް ތަހުގީގުކުރުމަށްޓަކައި، އިންވެސްޓިގޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ. މިގޮތުން ޒަމާނީ ޓެކްނޮލޮޖީއާއި، އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު