ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ޚިލާފުވި ތިން ކުންފުންޏެއް ޖޫރިމަނާކޮށް، އެ ކުންފުނިތަކުގެ މަނީ ޗޭންޖިން ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފިޔަވަޅު އަޅާފައިވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށެވެ.
އެގޮތުން އެލްވީއާރު އިންވެސްޓްމަންޓާއި މޭޑް މަނީ އެކްސްޗޭންޖް، ކޮންމެ ކުންފުންޏެއް 250،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މައިޒޯން އެކްސްޗޭންޖް ޖޫރިމަނާކޮށްފައިވަނީ 500،000 ރުފިޔާއިންނެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމަ މަގަށް އެޅުވުމަށާއި، ގަވާއިދާ ޚިލާފަށް ހިންގާ މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް އެ އިދާރާއިން ބުނެއެވެ.
ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައިވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ވެސް އެމްއެމްއޭއިން ވަނީ ދީފައެވެ.






