ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ފަސޭހައިން ޒިޔާރަތްކުރެވޭނެ ގޮތަށް، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު މާލެއާއި ހުޅުމާލޭ ފޭސް 1 ގައި ހުޅުވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ބިއުރޯގެ މާލޭ ލައުންޖު ހުންނަނީ ހުޅުމާލެ ފެރީ ޓާމިނަލްގައެވެ. ހުޅުމާލޭ ފޭސް 1 ގެ ލައުންޖު ހުންނަނީ އުމަރު ޒާހިރު ބިލްޑިންގްގެ ތިރީ ފަންގިފިލާގައެވެ.
މި ލައުންޖުތަކުން ޚިދުމަތް ލިބެމުންދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި 09:00 އިން 15:00 އަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ކައިރި މުސްތަޤުބަލެއްގައި ހުޅުމާލޭ ފޭސް 2 ގައި ވެސް ބިއުރޯގެ ލައުންޖެއް ހުޅުވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދީ މި އަހަރުގެ އެޕްރީލް 16 ގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ގާއިމުކުރި މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތްދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރި އޮފީހެކެވެ.
ބިއުރޯގެ ދަށުން ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ވެބް ޕޯޓަލެއް ވަނީ އިފްތިތާޙުކޮށްފައެވެ. އަދި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ.






