ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމުގެ ތެރެއިން، އެ މީހުންނަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވޭނެ ގޮތެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މި ވާހަކަ ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ އާ ބިލަށް ބަހުސްކުރައްވަމުންނެވެ.
ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، އިމިގްރޭޝަން ޤާނޫނު ހަރުދަނާކުރުމަކީ ޤައުމީ ފެންވަރުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ފަލާޙް ވިދާޅުވިއެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނަށް އެކި ދުވަސްވަރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ޤާނޫނުގެ މަގުސަދު ގެއްލި، އޮޅުންބޮޅުން ބޮޑުވެފައިވާ ކަމަށާއި، އެހެންކަމުން މި ދަނޑިވަޅުގައި އެންމެ މުހިންމީ ކުރީގެ ޤާނޫނު އިސްލާހުކުރުމުގެ ބަދަލުގައި ޒަމާނާ ގުޅޭ ފުރިހަމަ އާ ޤާނޫނެއް އެކުލަވައިލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުންގެ ވިސްނުން ހުރި ގޮތަށް އަލިއަޅުއްވާލައްވަމުން ފަލާޙް ތުހުމަތުކުރެއްވީ، އިދިކޮޅު ފަރާތްތަކުގެ މައިގަނޑު އަމާޒަކީ އިސްރާއީލުގެ މީހުންނަށް ރާއްޖެ އެތެރެވުމުގެ ދޮރު ހުޅުވައިދިނުން ކަމަށެވެ.
"އިދިކޮޅު ފަރާތްތަކުން މި ބިލަށް ބަހުސްކުރެއްވިއިރު އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، މި ސަރުކާރުން އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކޮށްފައިވާ މަނާކުރުމަށް ލުޔެއްދީ، އެ މީހުންނަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ލިބޭނެ ގޮތެއް ހޯދުމަށް އެ ބޭފުޅުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ މަންޒަރު،" ފަލާޙް ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިމިގްރޭޝަންގެ އާ ބިލުގެ މަސައްކަތް ކުރިއަށްދާއިރު، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ސިޔާސީ މަސްރަހުގައި އަންނަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.






