ރާއްޖޭގައި ތައާރަފުކުރި ބައިނަލްއަޤްވާމީ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް ޕޭޕަލް މެދުވެރިކޮށް، 100،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 1 ވަނަ ދުވަހާ ހަމައަށް ޕޭޕަލްގައި 4،800 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓްރީކޮށްފައިވާއިރު، އެ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއިން ބޭރުން 100،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ އެތެރެކޮށްފައެވެ.
މި ޚިދުމަތް ރާއްޖޭގައި ފެށި ފަހުން، ބައިނަލްއަޤްވާމީ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަކަން ވެސް އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީން ބުނީ، މި ޚިދުމަތް ތައާރަފުކުރުމާ ގުޅިގެން ދިވެހި ފްރީލާންސަރުންނަށާއި އަމިއްލަ މަސައްކަތްތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ކަސްޓަމަރުންނާ ގުޅި، ރާއްޖެއިން ބޭރުން ފައިސާ ބަލައިގަތުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށެވެ. މިއީ ދިވެހި ވިޔަފާރިތައް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދާ ގުޅުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެ މިނިސްޓްރީން ސިފަކުރިއެވެ.
އަދި ޑިޖިޓަލް ޕޭމަންޓް ވަސީލަތްތައް މެދުވެރިކޮށް ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވިޔަފާރިކުރުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމަށާއި، ރަޖިސްޓްރީވާ މީހުންނާއި ރާއްޖެއަށް ވަންނަ ފައިސާގެ އަދަދު އިތުރުވުމަކީ އެންމެން ޝާމިލުވާ، ގުޅިލާމެހިފައިވާ ޑިޖިޓަލް އިޤްތިޞާދަކަށް ވާޞިލުވުމަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު، އުރީދޫ ފިންޓެކްގެ އެމް-ފައިސާ ޕްލެޓްފޯމް މެދުވެރިކޮށެވެ.






