ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ ހެރޮއިން، މެލޭޝިއާއިން އައި ދިވެހި ފިރިހެނެއްގެ އަތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 8 ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަމަށެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދިން ގޮތުގައި، މި ތަކެތި ފެނިފައިވަނީ އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އޭނާގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ފެނުނު ތަކެތި ފުރަތަމަ މަރުޙަލާގައި ޓެސްޓުކުރިއިރު، އެ ތަކެތި ވަނީ ހެރޮއިން އަށް ޕޮޒިޓިވްވެފައެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި އާއި، އެ ތަކެތި އެތެރެކުރަން އުޅުނު މީހާ ވަނީ އިތުރު ތަޙުޤީޤަށް ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.






