Wednesday, November 18
ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ އަދަދު 80،000 އާ ގާތަށް އަރައިފި

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ޖުމްލަ އަދަދު 79،991 އަށް އަރައިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަދަދަކީ މި އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ އަދަދެވެ.

ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކެވެ. އެގޮތުން، އަމިއްލަ ފަރުދުންގެ 44،285 ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައީ ކުންފުނިތަކެވެ. ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ އަދަދު 33،118 އެވެ.

މީގެ އިތުރުން، 2،451 ޕާޓްނާޝިޕާއި 137 ކޯޕަރޭޓިވް ސޮސައިޓީ ވެސް ރަޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރަކީ ރާއްޖޭގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ވިޔަފާރިތައް ރަޖިސްޓްރީކުރެވުނު އަހަރެވެ. 2025 ވަނަ އަހަރު އަލަށް 8،476 ވިޔަފާރި ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިނިސްޓްރީން ބުނީ، ވިޔަފާރިވެރިކަމަށް ފަހި މާހައުލެއް ގާއިމުކޮށްދީ، އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު