Wednesday, November 18
ރިވެލި ރެސްޓޯރަންޓް ހިންގުމަށް ހުރަސް ނާޅަން އެޗްޑީސީއަށް ދިން ވަގުތީ އަމުރު ބާތިލުކޮށްފި

ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ ރިވެލި ރެސްޓޯރަންޓް ހިންގުމަށް ހުރަސް ނާޅަން އެޗްޑީސީގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، އެ ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

އެ ވަގުތީ އަމުރު ނެރުނީ އެޗްޑީސީ ހާޒިރުނުވެ އޮއްވައެވެ. އަމުރުގައި އެޗްޑީސީއަށް އެންގީ ރެސްޓޯރަންޓުގެ ވިޔަފާރި ހުއްޓޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، އެފަދަ ކަމެއް ކޮށްފައިވާނަމަ އެކަމެއް އިޔާދަކުރުމަށެވެ.

އެ އަމުރު މުރާޖަޢާކޮށްދިނުމަށް އެޗްޑީސީން އެދުމުން، ކޯޓުން މިއަދު ނިންމި ނިންމުމުގައި ފާހަގަކޮށްފައިވަނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ނެރުނު އަމުރު ދެމިއޮތުމުން، އެޗްޑީސީއަށް ހައްގު ނޫން ބުރައެއް އުފުލަން ޖެހޭ ކަމަށެވެ. އަދި މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައަޅާއިރު އެއް ފަރާތަކަށް ލިބިދާނެ ގެއްލުމަކީ މިހިނދުގައި މިންނުކުރެވޭ ފަދަ ގެއްލުމަކަށް ވެދާނެތީ، އެ އަމުރު ދެމެހެއްޓުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގާ ރިވެލި ރެސްޓޯރަންޓުގެ ބިމުގެ އެއްބަސްވުން ބާތިލުކޮށް، ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން މިދިޔަ މަހުގެ ފަހުކޮޅު އެ ކުންފުންޏަށް ސިޓީއަކުން އަންގާފައިވެއެވެ. އެ ސިޓީއާ ގުޅިގެން ރެސްޓޯރަންޓް ހުސްކުރަން އެޗްޑީސީން އެތަނަށް ވަނުމުން، ސޮލާރިސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ވަގުތީ އަމުރަކަށް އެދުނެވެ.

ދައުވާ ފޯމާއެކު އެދުނު ފުރަތަމަ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމި ނަމަވެސް، ފަހުން ވަނީ އެޗްޑީސީގެ ޣައިރު ހާޒިރުގައި އަމުރެއް ނެރެފައެވެ. ފުރަތަމަ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް، އެ މައްސަލައިގައި އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމާއި، ފުރަތަމަ ނިންމުމަށްފަހު ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް ސިވިލް ކޯޓުން ފާހަގަކުރިއެވެ.

މީގެ އިތުރުން، އެޗްޑީސީން އެއްބަސްވުމާ ހިލާފަށް ނޯޓިސް ދީފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، ސޮލާރިސްއަށް ލިބޭ ގެއްލުމަށް މާލީ ގޮތުން ބަދަލު ހޯދޭނެ ފުރިހަމަ އިންތިޒާމެއް އޮތް ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ކުލި ނުދައްކާތީ، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު، އިޖުރާއަތުތަކާ އެއްގޮތަށް އެއްބަސްވުން ބާތިލުކުރީ ކަމަށެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުނިން ކުލީގެ ގޮތުގައި ފަސް މިލިއަނެއްހާ ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހެއެވެ. އެއްބަސްވުން ހެދި ފަހުން ކޮންމެ މަހަކު ގަވާއިދުން ކުލި ދައްކާފައި ނުވާ ކަމަށާއި، އެންމެ ފަހުން ވެސް ދައްކާފައިވަނީ ކުލީގެ ބައެއް ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު