ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު އައްޔަންކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި ނަން ދިރާސާކުރުމަށް، މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ސަމީރުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ، އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިއްޔެ ދިން ލަފާގެ މަތިންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވަނީ، އެ ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާކުރައްވާތީއެވެ. އެ މަގާމަށް ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރެވޭނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްޤާޟީކަން ވެސް ކުރެއްވި ސަމީރު، ހައި ކޯޓުން ވަކިވެވަޑައިގަތުމަށް ފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ އަދާކުރައްވާފައެވެ. މިހާރު އޭނާ މަސައްކަތްކުރައްވަމުން ގެންދަވަނީ އަމިއްލަ ލޯ ފާމެއްގައެވެ.
މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ސަމީރު، މާސްޓާސް ޑިގްރީ ހައްދަވާފައިވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯ އިންނެވެ.






