އިދިކޮޅު އެމްޑީޕީގެ ފިކުރު އުފެދިގެން އައީ އިސްރާއީލުގެ އެހީތެރިކަމާއެކު ކަމަށާއި، އެ ޕާޓީގެ ކިބައިގައި އަބަދުވެސް ހުންނަނީ ހީލަތްތެރި ވިސްނުމެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މި ވާހަކަ ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އައު އިމިގްރޭޝަން ބިލަށް ބަހުސްކުރައްވަމުންނެވެ.
"ޙަޤީޤަތުގައި އެމްޑީޕީގެ ފިކުރު އުފެދިގެން އައީ އިސްރާއީލު މީހުންގެ އެހީތެރިކަމާއެކު،" ޝުޖާޢު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މީހުންގެ ކިބައިގައި ހުންނަނީ ޔަހޫދީންގެ ވިސްނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މީގެ ކުރިން ހުށަހެޅުއްވި، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމުގެ އިސްލާހަކީ ސިޔާސީ މަގުސަދެއްގައި ހީލަތްތެރި ގޮތަކަށް ހުށަހެޅި އިސްލާހެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އެމްޑީޕީގެ އިޚްލާޞްތެރި ނިޔަތެއް އޮތް ނަމަ، އެހެން ޤައުމުތަކުގެ ޕާސްޕޯޓު ބޭނުންކޮށްގެން ވެސް އިސްރާއީލު މީހުން ރާއްޖެ ނުވަދެވޭނެ ގޮތަށް އެ ބިލު ފަރުމާކުރީސް ކަމަށާއި، ޤައުމީ މުހިންމު ކަންކަމުގައި އެމްޑީޕީގެ އިޚްލާޞްތެރިކަމެއް ނުހުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލައަށް އިޝާރާތްކުރައްވަމުން ޝުޖާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އޮތީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބުގައި ކަމަށާއި، އެއީ ކުރީގެ ވެރިކަންތަކުގައި ރޭވިގެން ހިންގި ބޮޑު ވައްކަމެއް ކަމަށެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އިސްކަންދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވި ގޮތުގައި، އައު ބިލާއެކު އިމިގްރޭޝަނަކީ ވަކި މަދަނީ ޚިދުމަތަކަށް ބަދަލުވެގެންދާނެއެވެ.






