ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ އާ ބިލަކީ ވަކި ޤައުމެއްގެ ބަޔަކާ ގުޅޭ ބިލެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ބިލެއް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ، މި ބިލުގައި މި ދައްކަނީ ވަކި ޤައުމެއްގެ ބަޔަކު ހިފަހައްޓައި ހައްޔަރުކޮށް އަނބުރާ ފޮނުވާލުމުގެ ވާހަކައެއް ނޫން ކަމަށެވެ. މަޖިލީހުގައި ބައެއް މެންބަރުން މި ބިލު ގުޅުވައިގެން ވާހަކަދައްކަވާފައިވަނީ އިސްރާއީލުގެ ރައްޔިތުން ރާއްޖެ ވެއްދުން ހުއްޓުވުމާއެވެ.
މިއަދުގެ ދުނިޔޭގައި ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން ޤައުމު ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ރާއްޖޭގެ މައި ދޮރޯށިން އެތެރެވާ ފަރާތްތަކަކީ ކޮން ބައެއްކަން ދެނެގަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަކީ ބައިނަލްއަޤުވާމީ ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ ޤައުމަކަށް ވާތީ، ބޯޑަރުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ޤައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި، ބައިނަލްއަޤުވާމީ ކުށްވެރިންނާއި ޓެރަރިޒަމާއި އިންސާނީ ވަގުފާރި އަދި މަސްތުވާތަކެތީގެ ނުރައްކާތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށް ވަރުގަދަ ޤާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
އަދި އާ ޤާނޫނުގެ ސަބަބުން އިމިގްރޭޝަން އޮފިސަރުންގެ މަސްއޫލިއްޔަތާއި ބާރުތައް ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ސިޔާސީ ނުފޫޒުން އެއްކިބާވެ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ޚިދުމަތްދީ، ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދުކުރުމަށް ބާރު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






