ރާއްޖޭގެ 42 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު) ޤާއިމުކޮށް، އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުންނާއި ލިޓަސް ކޮންސްޓްރަކްޝަންގެ ފަރާތުން އިސްވެރިން ވަނީ ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން ކަނޑައަޅާފައިވާ 42 ރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށާއި ވަސީލަތްތައް އަލުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ހުރިހާ މެޝިނަރީޒާއި އިކުއިޕްމަންޓްވެސް ފޯރުކޮށްދޭނެއެވެ.
ތިމާވެށީގެ ވުޒާރާއިން ބުނީ، ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދާ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ޙައްލެއް ހޯދައިދީ، ރަށްރަށުގެ ވެށި ސާފުތާހިރުކޮށް ބެހެއްޓުމަށް ކައުންސިލްތަކަށް އެހީތެރިވެދިނުން ކަމަށެވެ.
މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ރަށްރަށުގެ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.






