ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ފުލުހުންނަށް ރިޕޯޓުކުރެވުނު ސްކޭމްގެ 38 މައްސަލައެއްގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ތެރެއިން 402،658.34 ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މައްސަލަތަކުގައި ޖުމްލަ 630،573.34 ރުފިޔާ ވަނީ ގެއްލިފައެވެ. އަނބުރާ ހޯދައިދެވިފައިވަނީ އޭގެ 63.9 އިންސައްތައެވެ.
ފުލުހުން ބުނީ މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތައް ކަމަށެވެ. އެ ބާވަތުގެ 13 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ދެވަނައަށް ގިނައީ ހުއްދައެއް ނެތި ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ 9 މައްސަލައެވެ.
ކޮޓަރި ބުކްކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ، ބުކިންގ ކެންސަލްކޮށް ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދޭ ސްކޭމްތައް ވެސް އަދިވެސް ދަނީ ފާހަގަކުރެވެމުންނެވެ. ފުލުހުން ބުނީ، މިފަދަ މައްސަލަތަކުގައި ސްކޭމަރުން ފޮނުވަނީ ސައްހަ ނޫން (ފޭކް) ޕޭމަންޓް ސްލިޕްތަކެއް ކަމަށާއި، ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ޗެކްނުކޮށް ރީފަންޑް ދިނުމުގެ ސަބަބުން، ފައިސާ ޖަމާވެފައި ނުވާކަން އެނގެނީ މާ ފަހުން ކަމަށެވެ.
އެހެންކަމުން، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށާއި، ފައިސާ ޖަމާވެފައި ނުވާނަމަ އެއްވެސް ހާލަތެއްގައި ރީފަންޑް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.






