ޒުވާނުންގެ ހަކަތަޔާ ނުލައި ޤައުމެއް ބިނާނުކުރެވޭނެ ކަމަށާއި، ޒުވާނުން ބިނާކުރުމަށްޓަކައި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ "ހަފްތާ 156" ޕްރޮގްރާމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ޒުވާނުން ބާރުވެރިކުރުމަށްޓަކައި ދިވެހި ވަޠަނީ ޚިދުމަތް ތަޢާރަފުކުރުމާއި ޒުވާން ޚަޠީބުންގެ ޕްރޮގްރާމް ފަދަ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންނާއި ކުދި ވިޔަފާރިތައް ފެށުމަށް ސަރުކާރުން ލޯނު ފޯރުކޮށްދެމުންދާއިރު، އެފަދަ ވިޔަފާރިތަކުގެ އުފެއްދުންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ މާކެޓްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބަނގުރޫޓުވެފައި ކަމަށާއި، ޤައުމު ޑިފޯލްޓްވެދާނެކަމުގެ ވާހަކަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ދައްކަމުން ދިޔަ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އޭރު ރާއްޖޭގެ އިޖުތިމާޢީ ފޭރާން އޮތީ ހަލާކުވެ، ޒުވާނުންގެ ކުރިމަގު ބަނަވެފައި ކަމަށާއި، ރައީސް މަސައްކަތްޕުޅު ފައްޓަވަން ޖެހިވަޑައިގަތީ ސުމަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، އެ ޙަޤީޤަތާ ކުރިމަތިލައްވައި ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ގިނަ ބޮޑެތި މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާފައިވާ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.






