ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއްގެ ހެކި ނެތް ނަމަވެސް، މަދަނީ މިންގަނޑުން ބަލައި ސުލޫކީ ފިޔަވަޅު އެޅުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ޙުސްނީ ވިދާޅުވީ، ފަނޑިޔާރުން މަގާމުން ވަކިކުރަނީ ސުލޫކީ މިންގަނޑާ ޚިލާފުވުމުން ކަމަށާއި، އެފަދަ މައްސަލަތައް ބަލަނީ މަދަނީ މިންގަނޑުން ކަމަށެވެ. އެއީ ޖިނާއީ ދައުވާއެއް ސާބިތުވުމުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމަށް މިސާލު ދައްކަވަމުން ޙުސްނީ ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭ ގޮތަށް ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ ސުލޫކީ މައްސަލަތަކެއް ފާހަގަކުރެވިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެނިގެން ކަމަށެވެ. އަދި އެއިން އެއްވެސް ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުރިހަމަކޮށް ހުކުމެއް އައިސްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ އެއްވެސް އިމެއް ނެތް މިނިވަންކަމެއް ނޫން ކަމަށް ޙުސްނީ ވިދާޅުވިއެވެ. އަދި ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ އަސާސީ ހައްގު ލިބިދީފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ އަނެކާގެ އަބުރަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ލިބިދީފައިވާ ހައްގުގެ ބޭނުން ނަހަމަގޮތުގައި ހިފުން. އެފަދަ ހާލަތްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފާއި ހައްގު ހޯދައިދެވޭނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮންނަންޖެހޭ،" ޙުސްނީ ވިދާޅުވިއެވެ.
ކުރީގައި އަބުރާ ބެހުން ހުއްޓުވުމުގެ ގާނޫނެއް ފާސްކޮށް، ފަހުން އެ ގާނޫނު އުވާލަން ޖެހުނު މައިގަނޑު ސަބަބަކީ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުން ކަމަށް ޙުސްނީ ވިދާޅުވިއެވެ. މިހާރު ހުށަހަޅާފައިވާ ބިލަކީ އަބުރަށް އަރައިގަތުމުން މަދަނީ ދައުވާ އުފުލައިގެން ބަދަލު ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށާއި، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގެ ދަށުން މި ބިލު ހުށަހެޅީ ގާނޫނީ ގޮތުން މިހާރު އުފެދިފައިވާ ހުސްކަން ފޫބެއްދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވަމުން ޙުސްނީ ވިދާޅުވީ، ބިލު މިހާރު އޮތް ގޮތަށް ފާސްނުވި ނަމަވެސް، ކޮމިޓީ މަރުހަލާގައި ކަމާ ގުޅުންހުރި ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގެންނަންޖެހޭ އިސްލާހުތަކާއެކު މި ބިލު އަވަހަށް ފާސްވުމަކީ މުޅި މުޖުތަމައުގެ މަސްލަހަތަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.






