Tuesday, November 17
ކީރިތި ޤުރުއާނާ ބެހޭ ވަޤްފް ޢިމާރާތް "ދާރުއްނޫރު"ގެ މަޝްރޫޢު އިފްތިތާހުކޮށްފި

ރާއްޖޭގައި ކީރިތި ޤުރުއާނުގެ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށް ބިނާކުރާ ވަޤްފް ޢިމާރާތް "ދާރުއްނޫރު"ގެ މަޝްރޫޢު އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫޢު އިފްތިތާހުކޮށް، ޢިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކާލީ ސަރުކާރަށް 156 ހަފްތާ ފުރުމުގެ މުނާސަބަތުގައި، މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ވަޤްފް ޢިމާރާތުން ލިބޭ ނަފާ ހޭދަކުރާނީ ކީރިތި ޤުރުއާނުގެ ދާއިރާ ތަރައްޤީކުރުމަށެވެ. މިއީ ވަޤްފުގެ ދާއިރާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިނާކުރާ ޢިމާރާތެކެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، 15 ބުރީގެ މި ޢިމާރާތުގައި އޮފީސް ޖާގައާއި ވިޔަފާރި ސަރަހައްދުތަކުގެ އިތުރުން، ހޯލާއި ބައްދަލުވުންތައް ބާއްވާ ކޮޓަރިތަކާއި ލައިބްރަރީއާއި ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭނެއެވެ. ޢިމާރާތް ފަރުމާކޮށްފައިވަނީ މުޅި ޢިމާރާތުން ނަފާ ލިބޭނެ ގޮތަށެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާއިރު، އަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.

"ދާރުއްނޫރު"ގެ އިތުރުން، މާލެ ސަރަހައްދުގައި "ދާރުލްއަރްޤަމް" އާއި "ދާރުއްސަލާމް" ގެ ނަމުގައި އިތުރު ދެ ވަޤްފް ޢިމާރާތެއްގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

މި މަޝްރޫޢުތައް ނިމުމުން، ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ އިސްލާމީ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދެވޭ ވަރަށް ވުޒާރާއަށް ނަފާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު