Tuesday, November 17
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލުމަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރީ، ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލަށް ތާއީދުކުރެއްވި މެންބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ.

ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުން ޓެކްސް ނަގަން ފެށީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނެސް، މިދިޔަ މަހުގެ 1 އިން ފެށިގެންނެވެ.

އެ ޓެކްސް ކަނޑާލުމަށް ޤާނޫނަށް އަލުން އިޞްލާޙު ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، މިދިޔަ އޯގަސްޓް މަހުގެ 26 ގައެވެ. ބިލު ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

ޓެކްސް ކަނޑާލުމުގެ އިތުރުން، ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަޤްޞަދެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު