Tuesday, November 17
ސަރުކާރު ކުންފުނިތަކުން ދައުލަތަށް ލިބުނު ޑިވިޑެންޑު 61.3 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ޖަނަވަރީން ފެށިގެން 12 ނޮވެމްބަރުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 61.3 އިންސައްތަ އިތުރުވެއްޖެއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބިފައިވަނީ 654.7 މިލިއަން ރުފިޔާއެވެ.

ފާއިތުވެދިޔަ ހަފުތާގައި ދައުލަތުގެ އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ޑިވިޑެންޑުގެ ގޮތުގައި ދައުލަތަށް ދެއްކި 572.7 މިލިއަން ރުފިޔާއެވެ.

ރިޕޯޓުގައިވާ ގޮތުން، 12 ނޮވެމްބަރުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު 36.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 33.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.0 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.3 އިންސައްތަ އިތުރުވެ، 24.8 ބިލިއަން ރުފިޔާއިން 27.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ޖީ.އެސް.ޓީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 64.9 އިންސައްތަ އިތުރުވެ 528.2 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓެކްސް ނޫން އާމްދަނީ ވަނީ 1.2 އިންސައްތަ ދަށްވެ 8.1 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.

ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 14.9 އިންސައްތަ އިތުރުވެ 39.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 15.4 އިންސައްތަ އިތުރުވެ 34.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަބްސިޑީއަށް ކުރި ޚަރަދު 51.2 އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

12 ނޮވެމްބަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައިވާއިރު، ދަރަންޏަށް ދައްކާ އިންޓްރެސްޓާއި ފައިނޭންސިންގ ޚަރަދު ނުހިމަނައި ބަލާއިރު، ދައުލަތަށް 360.0 މިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ލިބިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު