މި ސަރުކާރުގެ ދައުރުގައި ރިކަރަންޓު ހަރަދުތައް ދައުލަތުގެ އާމްދަނީގެ ތެރެއިން ހަމަޖެހެމުން ދިއުމަކީ ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސަލީމު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ފެނިގެން ދިޔައީ ދައުލަތުގެ އާމްދަނީން ރިކަރަންޓު ހަރަދުތައް ހަމަނުޖެހި، ދަރަންޏަށް ފައިސާ ނަގައިގެން އެ ހަރަދުތައް ކުރި މަންޒަރު ކަމަށެވެ.
ދައުލަތް ހިންގުމުގެ ދުވަހީ ހަރަދުތަކަށް ދަރަންޏަށް ފައިސާ ނެގުމަކީ ނުރައްކާތެރި ކަމެއް ކަމަށް ސަލީމު ވިދާޅުވިއެވެ. ދަރަނި ނަގައިގެން ހަރަދުކުރަންވާނީ ލޮލަށް ފެންނަ، އިހުސާސްކުރެވޭ ތަރައްގީގެ މަޝްރޫޢުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދަރަންޏާ މިއެއްޗެހި ނަގަންޖެހޭނީ އަޅުގަނޑުމެން ހިންގާ ބޮޑެތި މަޝްރޫއުތަކަށް، ލޮލަށް ފެންނަ މަޝްރޫއުތަކަށް. އެ މަޝްރޫއުތަކަށް ނޫން ގޮތަކަށް ދަރަނި ނެގީމާ އަޅުގަނޑުމެންނަށް އެއިން ވަރަށް ބޮޑު ގެއްލުން ވެގެންދާނެ،" ސަލީމު ވިދާޅުވިއެވެ.
ސަލީމު ފާހަގަކުރެއްވި ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހޭދަވަނީ ސަބްސިޑީއާއި އެހީތަކަށެވެ. ސަބްސިޑީއާއި ހިލޭ އެހީއަކީ ރައްޔިތުންނަށް ލުއިކޮށްދިނުމަށް ދޭ އެހީއަކަށް ވާއިރު، އެކަމަށް ހިނގާ ހަރަދުގެ ތަފުސީލު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުދަލާއި ހިދުމަތްތަކުގެ އަގު އުފުލެމުންދާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާކަން ފާހަގަކުރައްވައި ސަލީމު ވިދާޅުވީ، ސަރުކާރުން ދޭ ސަބްސިޑީއާއި އެހީތައް ރައްޔިތުންނާ ހަމައަށް ރަނގަޅަށް ވާސިލުވޭތޯ ބަލައި، އެ އެހީތަކުގެ މަގުސަދު ހާސިލުވާކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ދިހަ ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި ސަލީމު ވިދާޅުވީ، އެއީ ދައުލަތުގެ އާމްދަނީގެ ހަތަރުބައިކުޅަ އެއްބައި ކަމަށާއި، އެ ފައިސާ ހަރަދުކުރެވިގެން އަންނަ އަހަރު އެ ދާއިރާގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަން ނައްތާލެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ސަލީމު ވިދާޅުވީ، ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ރަނގަޅަށް ހަރަދުކުރެވޭތޯ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ޖެހޭނެ ކަމަށެވެ.






