ޞިއްޙީ ދާއިރާގެ ފަންނުވެރިން ރަޖިސްޓްރީކުރުމާއި ލައިސަންސް ދޫކުރުމުގެ ކަންކަން ޑިޖިޓަލައިޒްކުރުމަށް ތައްޔާރުކުރި "ހެލްތު ޕްރޮފެޝަނަލް މެނޭޖްމަންޓް ސިސްޓަމް" ޕޯޓަލް ތަޢާރަފުކޮށްފިއެވެ.
މި ޕޯޓަލާއި، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލާއި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ރަސްމީ ވެބްސައިޓްތައް ލޯންޗުކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.
މި ޕޯޓަލް މެދުވެރިކޮށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ރަޖިސްޓްރީވުމާއި، ލައިސަންސް ހޯދުމާއި ލައިސަންސް އައުކުރުމުގެ މަރުޙަލާތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ކައުންސިލްތަކުން ޞިއްޙީ ފަންނުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކަމާއެކު އަދި އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މި ނިޒާމު "އީފާސް" އާ ގުޅާލެވިފައިވާ ކަމަށާއި، އަލަށް ތަޢާރަފުކުރި ދެ ވެބްސައިޓުން ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ރަޖިސްޓްރޭޝަނާއި ލައިސަންސާ ގުޅޭ މަޢުލޫމާތު އާންމުންނަށް ލިބެން ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.






