Monday, November 16
ނ. މާފަރާއި ފޮއްދޫގައި ފުލުހުންގެ މަރުކަޒު ހުޅުވައިފި

ނ. މާފަރާއި ނ. ފޮއްދޫގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މި ދެ މަރުކަޒު ހުޅުވާފައިވަނީ ރަށްރަށުގައި ދެމުންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމާއި މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައެވެ.

މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހުއެވެ. ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ އެ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ.

މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކުރިން ޕޮލިސް ސްޓޭޝަންތައް ހުޅުވި ރަށްރަށުގެ ކުށުގެ މާޙައުލު ބަދަލުވެ، ކުށްކުރުން މަދުވެފައިވާ ކަމަށެވެ.

ޚާއްޞަކޮށް އެ ސަރަހައްދުގައި ގެވެށި އަނިޔާގެ މައްސަލަތައް ގިނައިން ރިޕޯޓުކުރެވޭ ކަމަށާއި، އެހެން ރަށްރަށުގައި އަމިއްލަ ސްޓޭޝަން ހަދައިގެން މަސައްކަތް ފެށުމުން އެފަދަ މައްސަލަތައް ވަރަށް ބޮޑުތަނުން ކުޑަވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ވީހާވެސް ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަޒީރު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ފުލުހުންނަށް ބޭނުންވާ މަޢުލޫމާތު ގަވާއިދުން ފޯރުކޮށްދީ، ފުލުހުންނަށް އެހީތެރިކަން ދިނުމަށް ރައްޔިތުންގެ ކިބައިން ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު