ރާއްޖޭގައި ޓައިޕް-2 ހަކުރުބަލި މެނޭޖުކުރުމަށް އެކުލަވާލި ޚާއްޞަ ޕްރޮޓޮކޯލެއް ޞިއްޙަތާ ބެހޭ މިނިސްޓަރު ޤީލާ ޢަލީ ރަސްމީކޮށް ނެރެދެއްވައިފިއެވެ.
މި ޕްރޮޓޮކޯލް ނެރެދެއްވީ، ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި "ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބިޓީސް" ގެ ނަމުގައި ބޭއްވި ކޮންފަރެންސް އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޕްރޮޓޮކޯލާއެކު ޞިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒަކުން ދޭ ފަރުވާއާއި ކައުންސެލިންގ އަދި ފޮލޯއަޕްގެ މިންގަނޑުތައް އެއްގޮތްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަކުރުބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރަންޖެހެނީ ހަމައެކަނި ފަރުވާ ހޯދާ މީހުންގެ ޢަދަދަށް ބަލައިގެން ނޫން ކަމަށާއި، ބަލިން ރައްކާތެރިވެ ދުޅަހެޔޮ، އުފެއްދުންތެރި ދިރިއުޅުމެއް ވޭތުކުރާ މީހުންގެ ޢަދަދަށް ވެސް ބަލަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރެވޭނީ ހަމައެކަނި ޞިއްޙީ ދާއިރާގެ މަސައްކަތުން ނޫން ކަމަށާއި، ސްކޫލްތަކާއި މުޅި މުޖުތަމަޢުގެ ދައުރު މުހިންމު ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕްރައިމަރީ ހެލްތު ކެއާގެ ދަށުން އަތޮޅުތަކުގައި ކުރިއަށްގެންދިޔަ ސްކްރީނިންގ ޕްރޮގްރާމްތަކުން 40،000 އެއްހާ މީހުން ސްކްރީންކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 400 އެއްހާ މީހުންގެ ހަކުރުބަލި ހުރިކަން ދެނެގަނެވިފައިވާ ކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
އަހަރަކު ދެ ފަހަރު ސަރުކާރުގެ ޚަރަދުގައި މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ހަމަޖައްސާފައިވާތީ، ގިނަ ޢަދަދެއްގެ ރައްޔިތުން އެ ޚިދުމަތުގެ ބޭނުން ހިފަމުންދާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.






