ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައިވާ ފައިސާއިން، އޮފީސް ހުޅުވައި ލެއްޕުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން ޝަކީލް ވިދާޅުވީ، އަންނަ އަހަރަށް ކޮމިޝަނަށް 67 މިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، އޭގެ ތެރެއިން 35 މިލިއަން ރުފިޔާ ދަނީ ސިޔާސީ ޕާޓީތަކަށް ކަމަށާއި، ކޮމިޝަނަށް އިދާރީ ބަޖެޓުގެ ގޮތުގައި ލިބެނީ 29.7 މިލިއަން ރުފިޔާ ކަމަށެވެ.
އިދާރީ ބަޖެޓުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 27 މިލިއަން ރުފިޔާ، ކަރަންޓާއި ފެނަށް 6.2 މިލިއަން ރުފިޔާ އަދި އައިޓީއަށް 6 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުރު ގޮތަކަށް ދަންނަވާ ކަމަށް ވަންޏާ މިހާރު އަޅުގަނޑުމެންނަށް ދެއްވައިފައި މި އޮތް ބަޖެޓުން އޮފީސް ހުޅުވައި ލެއްޕުން ފިޔަވައި އަޅުގަނޑުމެންނަށް ހަމަ ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތޭ އަޅުގަނޑު ދަންނަވައިލާނީ،" ޝަކީލް ވިދާޅުވިއެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދުރާލާ ތައްޔާރުވުމަށް ބީލަމުން ހޯދަންޖެހޭ ތަކެތި ހޯދުމަށް ކޮމިޝަނުން ބަޖެޓުގައި ހިމެނި ފައިސާ ވެސް ފިނޭންސް މިނިސްޓްރީން އުނިކޮށްފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
އަދި ކޮމިޝަނަށް އެންގުމަކާ ނުލައި، މި އަހަރުގެ ބަޖެޓުން ވެސް ބައެއް ފައިސާ ވަނީ އުނިކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.






