ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި އަމަލުކުރައްވާނެ އުސޫލެއް ކަނޑައަޅުއްވައި، އެ އުސޫލަށް އަމަލުކުރައްވަން ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މި ނިންމެވުން ނިންމެވީ، މިހިނގާ ނޮވެމްބަރު މަހުގެ 15 ވީ އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި އުސޫލުގެ މަގުސަދަކީ، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކާ ގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތަޢުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް ފުރުޞަތު ދިނުމަށް އުފައްދަވާ ކޮމިޓީތަކާއި މަޖިލިސް އެކުލަވައިލެއްވުމާއި ހިންގުމުގައި އަމަލުކުރައްވާނެ ގޮތް ކަނޑައެޅުއްވުމެވެ.
މިގޮތުން، ކޮންމެ ވުޒާރާއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކެއް އެކުލަވައިލައްވައި، އެ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް ޢައްޔަންކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.
މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި އަމަލުކުރައްވާނެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.






