ސަރުކާރާއި އަދާލަތު ޕާޓީއާ ދެމެދު އިސްލާމިކް މިނިސްޓަރުގެ މަޤާމާ ބެހޭ އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނީ، ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އާއެކު އިއްތިޙާދުވުމަށް އަދާލަތު ޕާޓީން ނިންމުމާ ގުޅިގެން، އެ ޕާޓީއަށް އިސްލާމިކް މިނިސްޓަރުގެ މަޤާމު ދޭން މަޝްވަރާކުރަމުންދާ ކަމަށް ވާހަކަ ދެކެވެން ފެށުމުންނެވެ.
ޕީ.އެން.ސީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ދެ ޕާޓީން މިއަދު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރުގައި ވަނީ، ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގެ ދަށުން، ޕީ.އެން.ސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީ.އެން.ސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ރައީސް މުޢިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓަރުގެ މަޤާމުގައި މިހާރު ހުންނެވީ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.






