Monday, November 16
ޗައިނާގައި މާސްޓާސް ކިޔެވުމަށް 200 ސްކޮލަޝިޕް ހުޅުވާލައިފި

ޗައިނާ ސަރުކާރުން ހުރިހާ ހަރަދެއް ކުރާ ގޮތަށް، ޗައިނާގައި މާސްޓާސް ޑިގްރީ ކިޔެވުމަށް ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ޒުވާން ލީޑަރުން ބިނާކުރުމަށް އަމާޒުކޮށްގެން ޗައިނާ ސްކޮލަޝިޕް ކައުންސިލް (ސީ.އެސް.ސީ) އިން ކުރިއަށްގެންދާ ޔޫތް އޮފް އެކްސެލެންސް ސްކޮލަޝިޕް 2027-2028 ގެ ދަށުން ދެވޭ މި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްގެ ހުރިހާ ހަރަދެއް ކުރާނީ ސީ.އެސް.ސީ އިންނެވެ.

އެއް އަހަރު ދުވަހުގެ މި ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ޗައިނާގެ 92 ޔުނިވަރސިޓީއެއްގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ. ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފުރަތަމަ ޑިގްރީ ނިންމާފައިވުމާއި، އުމުރުން 45 އަހަރު ނުވާ މީހެއް ކަމުގައި ވުން ހިމެނެއެވެ.

ސްކޮލަޝިޕްތަކަށް އެދި ހުށަހަޅަންވާނީ، 2027 ވަނަ އަހަރުގެ މާރޗް 29 ވާ ހޯމަ ދުވަހުގެ ޗައިނާ ގަޑިން 23:59 ގެ ކުރިން، ސީ.އެސް.ސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

މީގެ އިތުރުން، ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން، ކޯސް ހިންގާ އިންސްޓިޓިއުޓާއި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ ތަނަކާއި ކޯހެއްކަން ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މަސައްކަތްކުރުމަށް ވަކި ލައިސަންސެއް ނަގަންޖެހޭ ދާއިރާއަކުން ކިޔަވާ ފަރާތްތަކުން، އެ ކޯހާއި ކޯސް ހިންގާ މަރުކަޒަކީ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ ތަނެއްކަން ފުރުމުގެ ކުރިން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު