Monday, November 16
ޕީއެންސީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްބަސްވުމުގައި ޕީ.އެން.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝެއިޚް މުޙައްމަދު ޝިފާނެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ، ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީ.އެން.ސީއާއެކު އިއްތިޙާދުވުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޤަރާރަކުން ކަނޑައަޅާފައި ވަނިކޮށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފާސްކުރި އެ ޤަރާރުގައި ވަނީ، ޕީ.އެން.ސީގެ ރައީސް، ރައީސް މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޢިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް ޤަރާރުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު