Monday, November 16
ބަޖެޓާއި މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް އޭސީސީން މަޖިލީހަށް އެދިއްޖެ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަކަމަށް ބުނެ، ކޮމިޝަނުގެ ބަޖެޓާއި މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް އޭސީސީން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ކޮމިޝަނުގެ މުވައްޒަފުންނަކީ ވަރަށް ބުރަކޮށް ގިނަ ވަގުތު މަސައްކަތްކުރާ ބައެއް ކަމަށެވެ.

"މުސާރަ ރަނގަޅުކުރެވިއްޖެ ނަމަ، މުވައްޒަފުން ތިބެ، ތަމްރީނުވެ، ގިނަ ދުވަހަށް ރަނގަޅު އިންވެސްޓިގޭޓަރުން އުފެދިގެންދާނެ،" ޝާމިލް ވިދާޅުވިއެވެ.

ނޭޝަނަލް ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އިންވެސްޓިގޭޓަރުންގެ މުސާރައަށް އުނިކަމެއް އައުމުން ތަޖުރިބާކާރު މުވައްޒަފުން ވަކިވަމުންދާތީ، ތަޙުޤީޤުތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކާ ކޮމިޝަނަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އައު އިންވެސްޓިގޭޓަރުން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކުރި ނަމަވެސް، އެކަށީގެންވާ މުވައްޒަފުން ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެއެވެ.

ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ޕްރެޒެންޓޭޝަން ހުށަހަޅަމުން، ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިލްފާ ވިދާޅުވީ، އަންނަ އަހަރަށް 53.9 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނައިދިނުމަށް އޭސީސީން އެދުނު ނަމަވެސް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ބަޖެޓުގައި އެ އަދަދުން 6.4 މިލިއަން ރުފިޔާ އުނިކޮށް 47.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ނިލްފާ ވިދާޅުވި ގޮތުގައި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ޔުޓިލިޓީ އަދި ސާވިސް ޚަރަދަށް ކަނޑާލުމަށްފަހު، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކޮށް ހަރަކާތްތައް ހިންގުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާއެވެ.

އެގޮތުން މުވައްޒަފުން ތަމްރީނުކުރުމަށް 391،000 ރުފިޔާ، ބޭރުގެ މުއައްސަސާތަކާ ގުޅުން ބަދަހިކުރުމަށް 371،000 ރުފިޔާ، ހޭލުންތެރިކަން އިތުރުކުރުމަށް 100،000 ރުފިޔާ އަދި ޕްރިވެންޝަންގެ މަސައްކަތްތަކަށް 100،000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ވެސް ނިލްފާ ވިދާޅުވިއެވެ.

ކޮމިޝަނުން ހާމަކުރި ގޮތުގައި، ތަޙުޤީޤުތަކަށް 70 މިލިއަން ރުފިޔާ ޚަރަދުވި މުއްދަތުގައި، ދައުލަތަށް 200 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އޭސީސީން ވަނީ އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު