އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ކަނޑައަޅާފައިވާ އަދަދަށް 7.7 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. އައިޝަތު ރަމީލާ ވިދާޅުވީ، އަންނަ އަހަރަށް އެޗްއާރުސީއެމަށް ކަނޑައަޅާފައިވަނީ 29.7 މިލިއަން ރުފިޔާ ކަމަށާއި، މިއީ ކޮމިޝަނުން ހުށަހެޅި އަދަދަށް ވުރެ 1 މިލިއަން ރުފިޔާ މަދު އަދަދެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން މިއަހަރުގެ ނޮވެމްބަރު މަހު މުސާރަ އިތުރުވި ނަމަވެސް، އެ އިތުރުވި އަދަދުތައް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ. ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ބަޖެޓު ފޮނުވީ އެ އަދަދުތައް ނުހިމަނާ ކަމަށާއި، އާ އޮނިގަނޑަށް އަމަލުކުރަން ފެށުމާ ގުޅިގެން މުސާރައަށް ކަނޑައަޅާފައިވާ އަދަދަށް ބޮޑު ބައެއް އިތުރުވާނެ ކަމަށް ރަމީލާ ވިދާޅުވިއެވެ.
"މި އަހަރު ބަޖެޓު ކަނޑައަޅާފަ، ފޮނުވުމަށް ފަހު ޕޭ ކޮމިޝަންގެ މުސާރައިގެ އޮނިގަނޑުގެ ތެރެއަށް މުވައްޒަފުން މިވަނީ. އެހެންވެ ހުށަހެޅި ބަޖެޓުގައި އެ އަދަދެއް ނީންނާނެ،" ރަމީލާ ވިދާޅުވިއެވެ.
އެޗްއާރުސީއެމް އުފެދުނުތާ 18 އަހަރަށް ވުރެ ގިނަ ދުވަސްވީ ނަމަވެސް، ކޮމިޝަނަށް އަމިއްލަ ވެހިކަލެއް ނެތުމުން ޓެކްސީ ހަރަދު ބޮޑުވެ، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ރަމީލާ ފާހަގަކުރެއްވިއެވެ. ޖަލުތަކާއި ކަސްޓޯޑިއަލް ފަދަ ތަންތަނަށް މުވައްޒަފުން ކޮންމެ ދުވަހަކު ވެސް ދަތުރުކުރަން ޖެހޭ ކަމަށާއި، ޚާއްޞަކޮށް މަރުގެ މައްސަލަތަކުގައި ޚާއްޞަ ކިޓްތައް އުފުލަން ޖެހޭ ހާލަތްތަކުގައި ވެހިކަލެއް ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮމިޝަނުގެ ސަދަން ބްރާންޗެއް މިހާރު ހިންގަމުން ދާއިރު، އުތުރުގެ އަތޮޅުތަކުގެ މައްސަލަތަކުގައި އިންޓަވިއުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ނޮދަން ބްރާންޗެއް ގާއިމުކުރަން ނިންމާފައިވާ ކަމަށާއި، އެކަމަށް އަންނަ އަހަރުގެ ބަޖެޓުން ފައިސާ ހަމަޖެހިގެން ދިއުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.






