އައްޑޫ ސިޓީ ހިތަދޫގައި އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ނޫރައްދީން އިންވެސްޓްމެންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އޭއީއެޗުން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން 7 މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމުމަށް ތާވަލުކުރެވިފައިވާއިރު، 2027 ވަނަ އަހަރުގެ ތެރޭގައި ކޮމްޕްލެކްސްއިން ޚިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރެވެއެވެ.
މި އެއްބަސްވުމުގެ ދަށުން ގާއިމުކުރާނީ އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސާވިސްއަށް ޚާއްޞަ ތިން ބުރީގެ އިމާރާތެކެވެ. މި އިމާރާތުގައި އެމްބިއުލާންސްތައް ޕާކުކުރުމަށާއި، އުޅަނދުތަކުގެ ކުދި މަރާމާތުތައް ކުރުމަށާއި، ތަކެތި ގުދަންކުރުމަށް ވަކި ޖާގަތަކެއް ހިމެނޭނެއެވެ.
މީގެ އިތުރުން، އެމްބިއުލާންސް ޑިސްޕެޗް ކުރުމަށާއި ކޯލް ކޯޑިނޭޝަނަށް ވަކި ޖާގައެއް ކަނޑައަޅާފައިވާއިރު، ޑްރައިވަރުންނާއި ޓެކްނީޝަނުން އަދި އެހެނިހެން މުވައްޒަފުން މަސައްކަތްކުރާނެ ޖާގަތައް ވެސް މި އިމާރާތުގައި ގާއިމުކުރާނެއެވެ.
މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިހާރު ފޯރުކޮށްދެމުންދާ އެމްބިއުލާންސް ޚިދުމަތް އިތުރަށް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތުގެ ފެންވަރު މައްޗަށް ގެންދިއުން ކަމަށް އޭއީއެޗުން ވަނީ ބުނެފައެވެ. އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި ޕެރެމެޑިކުންގެ ޚިދުމަތްތަކާއެކު މި ނިޒާމަށް ބަދަލުވުމުން، އިމަޖެންސީ ހާލަތްތަކުގައި ދެވޭ ރެސްޕޯންސް ވަރުގަދަވާނެ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.






