އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ދެ ބިލު ފާސްކޮށްފައިވަނީ، ބިލުތައް ދިރާސާކުރި ސަބް ކޮމިޓީން ނިންމި ގޮތަށެވެ. އޭގެ ތެރެއިން އާމްދަނީން ޓެކްސް ނެގުމުގެ ބިލު ފާސްކުރީ 66 މެންބަރުންގެ ވޯޓުންނެވެ.
އެ ބިލުގެ މައިގަނޑު މަޤްޞަދަކީ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ އިންޓްރެސްޓްގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކުރުމެވެ. އަދި މިހާރުގެ ޤާނޫނުގައި ހިމެނޭ ބައެއް މާއްދާތައް އުނިކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. މި އިޞްލާޙަށް އަމަލުކުރަން ފަށާނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ.
މި ބަދަލާއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި ވަނީ އަންދާޒާކޮށްފައެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ބިލެކެވެ. މި ބިލަކީ ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހަރުދަނާކުރުމަށާއި، އިންބައުންޑް ޓޫރިޒަމަށް ހުރި ހުރަސްތައް ނައްތާލުމަށް ހުށަހެޅި ބިލެކެވެ.
މި ބިލުގެ ދަށުން، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތްތަކުން ޓެކްސް ނެގުން ހުއްޓާލާނެއެވެ.






