Monday, November 16
މަޖިލީހަށް ގެންދެވި ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނު: މިނިސްޓަރު މުއްޠަލިބް

ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގެންދެވި ދަބަހަކީ ފުޓުބޯޅަ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރޭ ބަންޑާރަނައިބު އަޙްމަދު އުޝާމްއާއެކު މަޖިލީހަށް ވަޑައިގެންނެވީ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެންބަރުން ސާފުކުރަން ބޭނުންވި ބައެއް މަޢުލޫމާތު ސާފުކޮށްދެއްވުމަށް މެންބަރުންތަކެއް އެދިވަޑައިގަތުމުން ކަމަށެވެ.

އެ ބައްދަލުވުން ހަމަޖެހިފައި އޮތް ގަޑިއަކީ އާރަށުން ފުޓުބޯޅަ ކުޅުއްވައިގެން މާލެ ވަޑައިގެންނެވި ގަޑިއާ ދިމާވި ވަގުތެއް ކަމަށާއި، އެހެންވެ ލޯންޗުން ފޭބި ގޮތަށް ކުޅޭ ސާމާނު އަޅާފައި ހުރި ދަބަސް ހިއްޕަވައިގެން މަޖިލީހަށް ވަޑައިގަންނަވަން ޖެހުނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެންސީގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވެސް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިނިސްޓަރު މަޖިލީހަށް ގެންދެވި ކަޅު ދަބަހުގައި ހުރީ ފައިސާ ނޫން ކަމަށާއި، އެއީ އާރަށުގައި ކުޅުއްވުމަށްފަހު ބޫޓު އަޅުއްވައިގެން ގެންދެވި ދަބަހެއް ކަމަށެވެ. ދަބަހުގައި ޑޮލަރު ހުރި ކަމަށް ދޭހަވާ ގޮތަށް އިދިކޮޅު މެންބަރުން ދައްކަވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތައް ދެއްކެވުން ރިޔާސަތުން ހުއްޓުވަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު މުއްޠަލިބް ރޭ މަޖިލީހަށް ވަޑައިގަތީ ޕީއެންސީގެ މެންބަރުންނަށް ރިޝްވަތު ދެއްވުމަށް ކަމަށް ތުހުމަތުކުރައްވައި، މިއަދުގެ ޖަލްސާގައި އަޑުގަދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ނަން ވަނީ ރިޔާސަތުން އިއްވަވައި، ތަޅުމުން ބޭރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު