ހައިކޯޓަށް އެއް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 25 ނޮވެމްބަރު 2026 ވާ ދުވަހުގެ 12:00 އެވެ. ފޯމު ހުށަހަޅާނީ ފަހިރެސް މެދުވެރިކޮށް ކަމަށާއި، ހާޑްކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ކައުންޓަރަށް ހުށަހެޅޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު މިދިޔަ ސެޕްޓެމްބަރު މަހު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް މަހަކު ޖުމްލަ 67،000 ރުފިޔާ ލިބޭނެއެވެ. އޭގެ ތެރޭގައި 45،700 ރުފިޔާގެ އަސާސީ މުސާރައާއި 18،000 ރުފިޔާގެ ލިވިންގ އެލަވަންސް އަދި 3،300 ރުފިޔާގެ ރިސްކް އެލަވަންސް ހިމެނެއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ ކަމަށް އިޢުލާނުގައިވެއެވެ.
ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވެފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި، ނުވަތަ މި ދެކަމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ޢަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.






