Monday, November 16
ރިއަލް އެސްޓޭޓް ބިލަކީ ޤާނޫނުއަސާސީގެ ބާރު ކެނޑޭ ބިލެއް ނޫން: ޝުޖާއު

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ކެނޑޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ނޫން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނު ހުށަހަޅުއްވާފައިވާ މި ބިލުގެ މައްޗަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، މި ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާއި، ރާއްޖޭގެ ބިން ބޭރުގެ އެއްވެސް ބަޔަކަށް މިލްކު ނުވާނެކަން އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"މި ބިލުގެ ދަށުން އެއްވެސް ޒަޔަނިސްޓަކަށް ދިވެހިރާއްޖެއިން ޕްރޮޕަޓީ ނުގަނެވޭނެކަން، ވަރަށް ސާފުކޮށް މި ބިލުގައި ބަޔާންކޮށްފައިވޭ،" ޝުޖާއު ވިދާޅުވިއެވެ.

ބިދޭސީންނަށް ބިން ވިއްކުމުގެ ފުރުޞަތު މި ބިލުގައި އޮތް ކަމަށް އިދިކޮޅުން ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ބިލުގެ އަށްވަނަ ބާބުގައި 99 އަހަރަށް ވުރެ ދިގު މުއްދަތަކަށް ބިން ދޫނުކުރެވޭނެކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އެއީ މިހާރުވެސް ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލެއް ކަމަށެވެ. ފްރީހޯލްޑްކޮށް ބިދޭސީންނަށް ބިން ވިއްކޭނެ އެއްވެސް ގޮތެއް ބިލުގައި ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބިން ބިދޭސީންނަށް ފްރީހޯލްޑްކޮށް ދޫކުރެވޭ ގޮތަށް ޤާނޫނުއަސާސީ ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށްވެސް ޝުޖާއު ހަނދާންކޮށްދެއްވިއެވެ.

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރޮންޓް އެންޑް މެރީނާ" މަޝްރޫޢުގެ ނަމުގައި ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގަން ހަމަޖެހިފައިވާ މަޝްރޫޢާ ގުޅުވައިގެން، ރިއަލް އެސްޓޭޓް ބިލު ފާސްކުރަނީ ރަސްމާލޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވުމަށް ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތް އޮޅުވާލުމެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓަރުން ތަރައްޤީކުރާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ބާރު ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ނޯންނާނެ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، އެފަދަ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވެސް ބަލަހައްޓާނީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށް ބިލުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރިއަލް އެސްޓޭޓް ބިލުގައި ވަނީ ރާއްޖެ އައުމުގެ ހުއްދަ ނެތް މީހުންނަށް ރަސްމާލޭގެ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުން ޕްރޮޕަޓީ ގަތުމުގެ ހުއްދަ ނުލިބޭ ގޮތަށް ހިމަނާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު