ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސާބިތު ނުހިފޭ ތުހުމަތުތަކެއް ކުރައްވައި، ރިޔާސަތުން އެންގެވި އެންގެވުމަށް ޢަމަލުނުކުރެއްވުމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
ރަސްމާލެ މަޝްރޫޢާ ގުޅޭ ރިއަލް އެސްޓޭޓް ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މީކާއީލް ވަނީ، ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ރޭ ކަޅު ދަބަހެއް ހިފައިގެން މަޖިލީހަށް ވަޑައިގެން ބިލަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި ކަމަށާއި، މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ރިޝްވަތުގެ "ކަޅު ފައިސާ" ލިބިފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. މީކާއީލް އެ ތުހުމަތުތައް ކުރެއްވީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކަށް އިޝާރާތްކުރައްވަމުންނެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ، މަޖިލީހުގެ މެންބަރުންނާ ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަތައް ތަޅުމުގައި ނުދެއްކެވުމަށް މީކާއީލަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މި މައްސަލައިގައި ޕީއެންސީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، ސާބިތު ނުހިފޭ ތުހުމަތުތައް މަޖިލީހުގެ ތަޅުމުގައި ކުރުމަކީ މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމެއްކަން ފާހަގަކުރައްވާފައެވެ. މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވީ، މިނިސްޓަރު މުއްޠަލިބް ރޭ މަޖިލީހަށް ވަޑައިގަތީ ބައެއް މެންބަރުން މަޢުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގަތުމުން ކަމަށެވެ.
ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ނެންގެވި ނިޒާމީ ނުކުތާއަށްފަހު، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރިޔާސަތުގެ މޭޒު ކުރިމަތީގައި އިޙްތިޖާޖުކުރައްވާފައެވެ. ރިޔާސަތުން ދެވަނަ ފަހަރަށް ފުރުޞަތު ދެއްވުމުން ވެސް މީކާއީލް އެ ވާހަކަތައް ތަކުރާރުކުރެއްވުމުން، ނިޒާމު ގެއްލުވާލާ މެންބަރުންނާމެދު މަޖިލީހުގެ ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާގެ ނަން އިއްވަވައި ތަޅުމުން ބޭރުކުރެއްވީއެވެ.
"ގަދަކަމަކުން ރައްޔިތުންގެ މަޖިލީހުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ، މަޖިލީހުގެ ގަވާއިދާ ޚިލާފަށް މަނިކުފާނު އަމަލުކުރައްވަނީ،" މީކާއީލާ މުޚާޠަބުކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި ބަހުސްގައި މީކާއީލް ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ ޤާނޫނުއަސާސީގެ 251 ވަނަ މާއްދާއިން ދިވެހި ބިމަށް ދީފައިވާ ރައްކާތެރިކަމަށް ނިމުމެއް ގެނެސް، ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމަށް މަގުފަހިކޮށްދޭ ބިލެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންނާއި ޕީއެންސީގެ މެންބަރުން ވިދާޅުވާ ގޮތުގައި، ރޭ ބޭއްވި ބައްދަލުވުމަކީ އެ ބިލާ ގުޅޭގޮތުން މެންބަރުންނަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބޭއްވި ރަސްމީ ބައްދަލުވުމެކެވެ.






