މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓުޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހާގެ އެޕާޓްމެންޓުން، ކެނަބިސް ކަމަށް ޝައްކުކުރެވޭ 303 ގުރާމުގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބާޒާރަށް ނެރުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ، އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރި ކަމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާ ހުރި އެޕާޓްމެންޓު ބަލައިފާސްކުރިއިރު، އެތަނުގެ ކަނާތްފަރާތު ދެވަނަ ކޮޓަރީގެ ތެރެއިން ކެނަބިސް ކަމަށް ޝައްކުކުރެވޭ 303.72 ގުރާމުގެ ތަކެއްޗާއި، މަސްތުވާތަކެތި ބަންދުކޮށް ބާޒާރަށް ނެރުމަށް ބޭނުންކުރާ ފިލްމު ހުސްކުރި ދަޅުތަކާއި ސެލޯފިން ރޯލުތައް ވަނީ ފެނިފައެވެ. އަދި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ޑިޖިޓަލް ކައްޓާއެއް ވެސް އެ ކޮޓަރިން ފެނިފައިވެއެވެ.
މީގެ އިތުރުން، އެޕާޓްމެންޓުގެ ސިޓިންރޫމު ބަލައިފާސްކުރިއިރު ވެސް، ޑިޖިޓަލް ކައްޓާއެއް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ފުލުހުންގެ ބަންދުގައި ހުއްޓައި ފިޓުޖެހުމުން އޭނާ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާތީ، ހޮނިހިރު ދުވަހު ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ޣައިރު ހާޒިރުގައެވެ. އަދި ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކުރެވޭ ހާލަތަކަށް އޭނާ ބަދަލުވާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އަލުން ކޯޓަށް ހާޒިރުކުރުމަށް ވެސް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ.
އެއަށްފަހު، ކުށް ކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ބަލައި، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވާ ހޯމަ ދުވަހަށެވެ.






